މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އިއްތިހާދުވެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އަދާލަތު ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާއިން މަޝްވަރާ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން މިރޭ ފާސްކުރި މި ގަރާރު ފާސްވީ ޖަލްސާގައި ބައިވެރިވެ ވޯޓު ދިން 47 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ޖުމުލަ 63 މެންބަރުން ތިއްބަވަ އެވެ.
މިރޭ ފާސްކުރި ގަރާރުގައި މައިގަނޑު ތިން ކަމެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ؛
- ރައީސް މުއިއްޒު ދެއްވި ރަސްމީ ދައުވަތު ގަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން.
- ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުން.
- އަދާލަތު ޕާޓީގެ މަގުސަދުތަކާއި މެންބަރުންގެ ހައްގުތަކަށާއި ޕާޓީގެ ދުރު މުސްތަގުބަލުގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް، ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމުތައް ކަނޑައަޅައި، ޕާޓީގެ ދުސްތޫރުގެ 46.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު، ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު ޕާޓީގެ ރައީސަށް ހަވާލުކުރުން.
އަދާލަތު ޕާޓީން ސަރުކާރާ ގުޅެން މި ނިންމީ، ރަސްމާލެ ފަދަ މަޝްރޫއުތަކުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭ ގޮތަށް ވަކި ސަރަހައްދުތަކެއް އުފެދޭ ގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދިޔުމަށް އެ ޕާޓީން މީގެކުރިން ފާސްކޮށްފައި ވަނިކޮށެވެ.